އާދިއްތަ, November 1
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި 8 ފަނޑިޔާރަކު ވަކިކުރި: އެޓަރނީ ޖެނެރަލް
އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި އަށް ފަނޑިޔާރަކު ވަކިކޮށްފައިވާ ކަމަށް އެޓާރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި، 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލުމުން އެކަން ވަރަށް ސާފުވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ 2018 އިން 2023 އާ ދެމެދު އެމްޑީޕީން ވެރިކަން ކުރިއިރު ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ. 2018 އިން 2023 އަށް އެމްޑީޕީގެ ވެރިކަމުގައި 8 ފަނޑިޔާރަކު ވަނީ މަޤާމުން ވަކިކުރައްވާފައެވެ.އެ މުއްދަތުގައި  12 ފަނޑިޔާރަކު ސަސްޕެންޑްކޮށް ތިން ފަނޑިޔާރެއްގެ މަޤާމް ދަށްކުރިކަމަށް ވެސް އެމަނިކުފާނު އާއްމުކުރި ތަފާސް ހިސާބުގައި ވެއެވެ.  އަދި ސްލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅާ ނަސޭހަތް ދިން ފަނޑިޔާރުންގެ އަދަދު އެމްޑީޕީގެ ވެރިކަމުގައި ހުރީ 33 ގައި ކަމަށާއި 2018 އިން 2023 ގައި އެމްޑީޕީގެ ވެރިކަމުގައި ޖުމްލަ 56 ފަނޑިޔާރުންނާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައިވާކަންވެސް ތަފާސްހިސާބުން އެނގެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ފަނޑިޔާރަކު ވަކިކޮށްފައި ނުވާކަމަށާއި، ފަނޑިޔާރެއްގެ މަޤާމް ދަށްކުރައްވާފައި ވެސް ނުވާކަމަށް އުޝާމްގެ އާއްމުކުރެއްވި ތަފްޞީލުގައި ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ 2019 އިން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީ އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން - 2025-03-07T20:55:44

    ކުރީގެ ސަރުކާާރުތައް ދިޔަގޮތަށް ނުދާށެވެ.އެސަރުކާނު އަނެއްސަރުކާރު ކިޔާނކަމެއްނތް.ކަންތައްށް ރަގަނޅު ކޮއްދެއްވާ...