ރޯދައަކީ ﷲގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމުގައި މިއަދުގެ ހުކުތު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ " ރޯދައިގެ ޙިކުމަތް"، މިއެވެ.
މިއަދު ޚުޠުބާގައި ވިދާޅުވީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި އެތައް ކަމެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށާއި، މި ހުރިހާ ކަންކަމަކީވެސް ތަޤުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމަށެވެ. ރޯދައިގެ ޚިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަމަށާއި، އަޅާ ރޯދައަށް ހުންނަ އިރު، ކެއުންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފުސު ހިފަހައްތާ ކަމަށާއި، ﷲ އޭނާއަށް ހުއްދަ ކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަ ވަގުތު ކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ވަރަށް ގިނަ ފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތެއް ބީވެ ދިއުމުން ކަމަށާއި، ރޯދައިގެ ސަބަބުން ﷲ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި އަވަށްޓެރިންނަށް ކަމޭހިތުމާއި، ނިކަމެތިންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނާނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ޙަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ހިމެނޭ ކަމަށާއި، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި ހަލާލު ކާބޯތަކެއްޗާއި، އޭނާއަށް ހަލާލު ކުރައްވާފައިވާ އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމަށާއި، އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮ ކަންކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަދި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި ކުލުނު އުފެދުން ހިމެނޭ ކަމަށާއި، ރޯދައަށް ހުންނަ ހިނދު އިހުސާސްވާ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ އިހުސާސްތައް ދެނެގަނެވޭނެ ކަމަށާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ ކަމަށާއި، އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން ރޯދަވެރިޔާގެ ނަފުސު ތާހިރުކޮށް ޒީނަތްތެރިކޮށްދޭ ކަމަށާއި، ހަމަ މި ފަދައިން ދޮގު ހެދުމާއި، ޒުވާބު ކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާ ކުރުވާ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަރައިގަނެވޭ އެންމެ ބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގު ވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމަށާއި، ޚާއްޞަކޮށް މީސްމީޑިއާގެ މަންސަތަކުގައި އަހަރެމެން މިއަދު މި ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއް ނެތި ކަމަށާއި، މިއީ މާތްﷲ ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
އަދި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ކަމަށާއި، ނަތީޖާއެއް ގޮތުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމަށާއި، ހެޔޮ ޢަމަލުތަކުގައި މީހާ މަޝްޣޫލުކުރުވާ ކަމަށާއި، ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން