Monday, November 2
ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްފި

ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރުމަށް ސިވިލް ކޯޓުން 2020 ވަނަ އަހަރު ނެރުނު އަމުރަކީ ބާޠިލް އަމުރެއްކަމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ. މި ހުކުމް ކުރެވުނީ އެ އަމުރު ނެރުނުތާ ފަސް އަހަރު ފަހުންނެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިގޮތަށް ނިންމާފައިވަނީ، ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރު ކޯޓަށް ދީފައިނުވާތީއެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ޒަކީގެ ޕާސްޕޯޓް ކެންސަލްކުރުމަށް އަމުރު ނެރެފައިވަނީ މީހެއްގެ އަތުން ނެގި ޑޮލަރުތަކެއްގެ ތެރެއިން ބައެއް އަނބުރާ ނުދައްކައި ހުރި މައްސަލައެއްގައެވެ. ދައުލަތުން މި އަމުރު ބާޠިލްކުރަން އެދުނީ، ސާބިތު ދަރަނީގެ މައްސަލަތަކުގައި ކުންފުނީގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވީ ނަމަވެސް، ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރު ކޯޓަށް ލިބިދީފައިނުވާތީއެވެ.

މި މައްސަލައިގައި ކުރިން ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު ދައުލަތަށް ނެތްކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު ކުރި ހުކުމުގައި، ހައިކޯޓުގެ އެ ހުކުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް ކަނޑައަޅައި، އެ މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައެޅުމަށް ހައިކޯޓަށް އަނބުރާ ފޮނުވާފައިވެއެވެ.

ޒަކީއަކީ ކުރީގެރައީސް މައުމޫނު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު