މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް 8 މާރިޗް 2025 އިން ފެށިގެން އެ ވުޒާރާއިން ކުރިއަށްގެންދާނެ ކަމަށެވެ.
މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް 8 މާރިޗް 2025 އިން ފެށިގެން @MoCLPmv އިން ކުރިއަށް ގެންދާނެ.
— Adam Shareef Umar (@Adamshareefz) March 6, 2025
ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މާލެއަށް ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ކުރަންޖެހެއެވެ.
މި މައްސަލަ ހައްލު ކުރުމަށް ސިޓީތަކާ ބެހޭ ވުޒާރާއިން މަގުތަކުގެ ކާނުތައް ސާފުކުރުމަށް ނިންމާފައިވާއިރު، ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ފަށައިފައެވެ.
މާލޭ ސިޓީ ކައުންސިލުން ގެނައި ދެޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، މި ޕަމްފުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.
ސިޓީ ކައުންސިލުން ވަނީ މި ދެ ޕަމްޕްވެސް ދިފާޢީ ވުޒާރާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމައި، މިދިޔަ ހުކުރު ދުވަހު އެ ވުޒާރާއަށް އެކަން އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން