ޕްރިވެންޓިވް ކެއަރގެ ޚިދުމަތްދޭ ޖަމްޢިއްޔާތައް ޞިއްޙީ ވުޒާރާގައި ރަޖިސްޓްރީވުމަށް އަންގައިފިއެވެ.
ޞިއްޙީ ވުޒާރާއިން ކުރި އިޢުލާނެއްގައި ވަނީ ގޮތުން ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގައި ބަޔާންކޮށްފައިވާ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ޚިދުމަތުގެ ތެރޭގައި ހިމެނޭ ބައެއް ޚިދުމަތްތައް ދެމުންދާ ނުވަތަ ދިނުމަށް ގަސްތުކުރާ ޖަމްޢިއްޔާތަކުން އެ ވުޒާރާގައި ރަޖިސްޓްރީ ކުރުމަށް އަންގައިފައެވެ.
ރަޖިސްޓްރީކުރަން ޖެހޭ ޚިދުމަތްތައް:
(ހ) ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް މީހުންގެ އުޅުން ބައްޓަންކުރަންވީ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވައިދިނުމާއި، ޞިއްޙީ ކަންކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުން އަދި ކަމާގުޅޭ ލަފަޔާއި ކައުންސެލިން ދިނުން؛
(ށ) ވެކްސިންދިނުމާއި ވެކްސިންއާ ގުޅުންހުރި ޞިއްޙީ ކަންކަން މޮނިޓަރކުރުމުގެ ހަރަކާތްތައް ހިންގުން؛
(ނ) ދުރާލާ ބަލިތައް ދެނެގަތުމަށް ހިންގޭ ސްކްރީނިން ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ރ) ޞިއްޙީ ހާލަތްތަކާއި ބަލިތަކާ ގުޅިގެން އިތުރަށް ދިމާވެދާނެ ޞިއްޙީ މައްސަލަތައް ދުރާލާ ދެނެގަނެ، އެ މައްސަލަތައް މޮނިޓަރކުރުމަށް ހިންގޭ ސްކްރީނިންގ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ބ) ބަލިބައްޔަށާއި ނުކުޅެދުންތެރިކަމަށް ހުށަހެޅުމަށް ހުރި ހިރާސްތަކާ ގުޅޭގޮތުންނާއި ބަލިތަކާ ބެހޭގޮތުން ކުރެވޭ އެނޫންވެސް ސަރވޭލަންސްއާއި، ބަލިތައް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ޅ) ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވެދާނެ ޞިއްޙީ ހާލާތްތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، އެފަދަ ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވާ ޞިއްޙީ ހާލަތްތަކުގައި ހިންގޭ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛
(ކ) ޖިސްމާނީ އަދި އިޖްތިމާއީ ގޮތުން މުޖުތަމައުގައި ބައިވެރިވުމަށް ބޭނުންވާ ރިހެބިލިޓޭޝަންގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛
(އ) ދިވެހިރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާ ބަލިތަކާއި ނައްތާލެވިފައިވާ ބަލިތަކުގެ ހާލަތު ދެމެހެއްޓުމަށް ޓަކައި ދެވޭ ޞިއްޙީ ޚިދުމަތްތައް؛
(ވ) ޕްރިވެންޓިވް ކެއަރގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އެނޫންވެސް ޕްރޮގްރާމްތަކާއި ހަރަކާތްތައް.
ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ތަންތަން ރަޖިސްޓްރީ ކުރުމާއި ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމުގައި ރިއާޔަތް ކުރެވިގެންދާނީ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު އަދި އައުޓްރީޗު ޚިދުމަތް ދިނުމަށް އެކަށައެޅިފައިވާ އަސޫލުތަކަށެވެ.
އެހެންކަމުން އެ ވުޒާރާއިން ވަނީ މި ތަންތަން ރަޖިސްޓްރީކޮށް ޚިދުމަތް ދިނުމަށް އެދި "ހެލްތު ފެސިލިޓީ ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަ ކުރުމަށްފަހު ވަރޗުއަލް ކައުންޓަރ މެދުވެރިކޮށް އެ ވުޒާރާއަށް ހުށަހެޅުމަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން