Friday, November 13
ސުއޫދު އިސްތިއުފާ ދެއްވުމުގައި އަމަލުކުރެއްވީ ސިޔާސީ އެކްޓިވިޒަމް: ޕީއެންސީ
ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމުގައި ޢަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުޢޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައިވެސް ގެންގުޅުއްވީ އެ މަޤާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުޞޫލުތައްކަން ސާފުވެއްޖެކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ. ސަސްޕެންޝަނުގައި ހުންނެވި ސުއޫދު ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިސްތިއުފާގެ ސިޓީ އެންމެ ފުރަތަމަ ފޮނުއްވީ ރައީސަށެވެ. އެކަމާއި ގުޅިގެން ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްތިއުފާދެއްވަމުން އެވަގުތުވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވިކަމީ ފަނޑިޔާރު ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ އަލިގަދަ ދަލީލެއް ކަމުގައި ޕީއެންސީން ދެކޭކަމަށެވެ. "ފަނޑިޔާރު ސުޢޫދާމެދު އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާމެދުވެސް ޢަމަލުކުރެވެމުންދަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުޞޫލުތަކުގެ ތެރެއިން، ފަނޑިޔާރަކާމެދު ޖިނާޢީ ތަޙުޤީޤެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ 2019 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނައީ 2 ވަނަ އިސްލާހުގައި ބަޔާންކުރަންޖެހޭ އިޖުރާޢަތެއް" ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން މުއައްސަސާތަކަށް މުސްތަޤިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިވެފައިވާ ދުސްތޫރީ އަދި ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތު ދެއްވާފައިވާކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.  އަދި އެއިން މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫންކަމަށާއި، އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުންދިއުންކަމަށް ވެސް ބުނެފައިވެއެވެ. މިއަދު ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮތް ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ، އެއް ބާރުން އަނެއް ބާރު ޖަވާބުދާރީކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަޤިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއްކަމަށެވެ. ހަމައެހެންމެ މި ނިޒާމު ރަނގަޅަށް ތަރުތީބުވެގެން ހިނގަމުންދިއުމަކީ ބާރުތަކުގެ މެދުގައި އޮންނަ ޖަވާބުދާރީކުރުވުމުގައި މުސްތަޤިއްލު މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވުންކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު