Friday, November 13
އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދައްކަން އޮންނަ ކިއު ކުޑަކުރުމަށް މަޝަވަރާކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ދެމުންގެންދާ ޚިދުމަތްތައް ހަރުދާނާކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް އެހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި، އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމަށް މިނިސްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ވީހާވެސް ސާފުކޮށް، ރައްޔިތުން އިޙްތިރާމްކުރާ އަދި ބަލައިގަންނަ ތަނަކަށް އެހޮސްޕިޓަލް ހެދުމަށްޓަކައި ކަސްޓަމަރ ކެއަރގެ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން؛ ފޮޓޯ-ހެލްތު މިނިސްޓްރީ

މީގެއިތުރުން މި ބައްދަލުވުމަށްފަހު މިނިސްޓަރ ވަނީ އައިޖީއެމްއެޗްގައި އެނދުގެ ޢަދަދު ނުވަތަ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްފުޅާކޮށް، އެޑްމިޓްކޮށް ޚިދުމަތްދޭ ފަރާތްތަކަށް ދެމުންދާ ޚިދުމަތް ހަރުދާނަކުރުމަށްޓައި 75 އެނދު އިތުރުކުރުމަށް ވަކި އޭރިއާއެއް އެހޮސްޕިޓަލުގައި ދަނީ ތަރައްގީކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު