Monday, November 2
އެޗްޑީސީ އާއި ސަލަފް ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ ބަލިމީހުންނަށް އިފްތާރު ޕެކު ހަދިޔާކުރަނީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޖަމްޢިއްޔަތުއް ޞަލަފް ގުޅިގެން މި އަހަރުގެ ރޯދަމަހު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި، އެމީހުންގެ އެހީތެރިން އަދި މަސައްކަތްތެރިންނަށް އިފްތާރު ޕެކު ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މިގޮތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ "ހަދާޔާ" ޕެކޭޖްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއި ސަލަފް ޖަމިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ސަލަފް ޖަމުޢިއްޔާ މަސައްކަތް ކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީން ހަމަޖައްސައިދީފައިވާއިރު،  މި ޕުރޮގުރާމުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ކޮންމެ ދުވަހަކުވެސް އިފްތާރު ޕެކު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕުރޮގުރާމުގެ ކޯޑިނޭޓަރ، މުޙައްމަދު ޝުޖާޢު ވިދާޅުވީ މަސައްކަތް ކުރާނެ ޖާގަ ހަމަޖެހިގެން ދިއުމަކީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުޅިގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ. "ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވި ކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް"، ޝުޖާޢު ވިދާޅުވިއެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މިއީ މި ބަރަކާތްތެރި ރަމަޟާން މަހު އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މީގެ އިތުރުން، މިއީ ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ، މި ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްއޮތްތަނުގައިވެސް މިފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު