އާދިއްތަ, November 1
މިޔަންމާ މައްސަލައިގައި އައިސީޖޭއަށް ރާއްޖެއިން އޮބްޒަރވޭޝަންސް ހުށަހަޅައިފި
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ މިޔަންމާގެ ރޮހިންޖާ މައްސަލައިގައި ދިވެހިރާއްޖެއިން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހަޅައިފިއެވެ. މިއީ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް -ދަ ގެމްބިއާ ވ. މިޔަންމާ " މައްސަލައަށް ރާއްޖޭގެ ފަރާތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން ހުށަހެޅި އޮބްޒަރވޭޝަންސްއެވެ. މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާއިން 11 ނޮވެންބަރު 2019 ގައި މިޔަންމާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ބަންޑާރަނައިބުގެ އޮފީހުން މި އޮބްޒަރވޭޝަންސް ހުށަހަޅާފައިވަނީ 28 ފެބުރުވަރީ 2025 ގައެވެ. ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވުމަށް ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން އައި.ސީ.ޖޭ. އިން ބަލައިގަތުމާ ގުޅިގެން، 3 ފެބުރުވަރީ 2024 ގައި ދިވެހިރާއްޖެއަށް ވަނީ ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅުމުގެ ދަޢުވަތު ދެއްވާފައެވެ. ރާއްޖެއިން ހުށަހަޅާފައިވާ އޮބްޒަރވޭޝަންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. ޚާއްޞަކޮށް، އެ މުޢާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް ވަނީ އަލިއަޅުވާލާފައެވެ. ރޮހިންޖާ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަން ރާއްޖެއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު