1971 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހެއެވެެ.އެމެރިކާގެ ނޯތްވެސްޓް އެއާލައިންސް 305 ނަމްބަރު ފްލައިޓްގެ ފަޅުވެރިން ތައްޔާރު ވަމުން ދިޔައީ 30 ދަތުރުވެރިންނާއި އެކު މެންދުރު 14:30 ގައި އޮރެގަންގެ ޕޯޓްލޭންޑް އިން ފުރައިގެން ވޮޝިންގްޓަންގ ގެ ސިއަޓްލް އަށް ދިއުމަށެއެވެ.ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ، ދަތުރަށް ހޭދަ ވާނީ 30 ވަރަކަށް މިނިޓެއެވެ.ދަތުރުވެރިންނަށް ހާއްސަ ގޮނޑިތަށް އެމީހުންނަށް ދައްކަމުން، ލަގެޖް ކޮމްޕާޓްމެންޓްތައް ހަމަ ޖައްސަމުން ދިޔަ ފަޅުވެރިންނަށް، ނޭނގި ނަމަވެސް އެ ތައްޔާރު ވެވެނީ ވައިގެ ދަތުރު ފަތުރުގެ ތާރީހް ބަދަލު ކޮށްލާނެ ދަތުރަކަށެއެވެ.
ބޯޓަށް މީހުން އަރުވަން ފެށުމުގެ ދޮޅު ގަޑި އިރު ވަރު ކުރިން، ޓިކެޓް ހިފައިގެން ގޮސް ޗެކިންގ ކައުންޓަރު ކައިރީ މަޑުކޮށްލީ އުމުރުން 40 ގެ އަހަރުތައް ގުނަމުން ދިޔަ ފިރިހެނެއެކެވެ.ދޮން ނަސްލުގެ އެ މީހާ ހުރީ މުށި ކުލައިގެ ކޯޓް ފަޓްލޫނެއް ލައިގެން، ކަޅު ކުލައިގެ ބްރީފް ކޭހަކާއި ކަރުދާސް ކޮތަޅެއް ހިފައިގެންނެއެވެ.ކޯޓު ފަޓްލޫން އެތެރެއިން، ހުދު ގަމީހެއް ލާ، ކަޅު ކުލައިގެ ޓައި އެއް ކަރުގައި އަޅުވާފަ އޮތެވެ.އަދި ކޯޓު ފަޓްލޫނުގެ ބޭރުން ކަޅު ކުލައިގެ ދިގު ވިއްސާރަ ކޯޓެއް ލައިފަ ހުއްޓެއެވެ.ފްލައިޓަށް ޗެކިންގ ވީ ޝަހުސު އޮޅުވާލައިގެންނެއެވެ. ޑޭން ކޫޕަރ ގެ ނަމުގައެވެ.މި އީ އެހާތަނަށް ވުޖޫދުގައި ނުވާ ޑީ.ބީ ކޫޕަރ އެވެ.
އެންމެ ފަހަތުން ސީޓު ނަމްބަރު 18 އީ ގައި އިށީނދެ އިން ކޫޕަރ، 07 އަޕް ދަޅަކާއި ބޯބަން ވިސްކީ ތައްޓެއް ގެނެސް ދިނުމަށް ފްލައިޓް އެޓެންޑެންޓް ކައިރީ އެދުނެއެވެ.މެންދުރު 14:50 ގައި ބޯޓު ނައްޓާލުމާއި އެކު ކޫޕަރ ކައިރީ އިށޭނދެ އިން ފްލައިޓް އެޓެންޑެންޓް، ފްލޮރެންސް ޝަފްނާ އަށް ނޯޓެއް ދިއްކޮލި އެވެ.ޝަފްނާގެ ސަމާލުކަން ނޯޓަށް ނުލިބުމުން، އޭނާ އަށް ގޮވާލާފައި އަވަހަށް ނޯޓް ހުޅުވުމަށް އިރުޝާދު ދީ އޭނާ އަތުގައި ބޮމެއް އޮތް ކަމަށް ކޫޕަރ ބުންޏެއެވެ.ނޯޓުގައި ލިޔެފައި އޮތީ އޭނާގެ ބްރީފް ކޭހުގައި ބޮމެއް އޮތް ކަމަށެއެވެ.އަދި ޝަފްނާ އޭނާ ކައިރީ ގޮނޑީގައި އިށީނުމަށެއެވެ.ޝަފްނާ އިށީނދެ، ބޮމް ދެއްކުމަށް އެދުމުން ކޫޕަރ އަސްލާއި އެއްގޮތަށް ހަދާފައިވާ ނަޤްލީ ބޮމެއް، އޭނާގެ ބްރީފް ކޭސް ހުޅުވުމަށް ފަހު ދެއްކި އެވެ.
ބްރީފް ކޭސް ލައްޕާލުމަަށް ފަހު ކޫޕަރ އެދޭ އެދުންތައް ނޯޓް ކުރުމަށް ޝަފްނާ ކައިރިން އެދުނެއެވެ.ކޫޕަރ ގެ ފުރަތަމަ އެދުމަކީ ސައްހަ މުއާމަލާތުގައި ބޭނުން ކުރެވޭނެ އެމެރިކާގެ 200،000 ޑޮލަރު 17:00 ޖެހުމުގެ ކުރިން ގެނެސް ދިނުމެއެވެ.އަދި ބުރަކަށީގައި އަޅުވާ ދަބަހަކާއި ކުރިމަތި އަދި ފުރަގަހުން ބޭނުން ކުރެވޭނެ ދެ ވައި ކުޑަ ވެސް ގެންނަން އެދުނެއެވެ.ދެ ވައިކުޑަ އަށް އެދުނީ އިތުރު މީހެއް ގޮވައިގެން ފުންމާލަން ތައްޔާރު ވާ ކަމަށް ދެއްކުމަށެއެވެ.ކޫޕަރ ގެ އިތުރު ހުށަހެޅުންތަކުގެ ތެރޭގައި ހިމެނުނީ ސިއެޓްލް ވައިގެ ބަނދަރަށް ބޯޓު ޖެއްސުމާއި، ޖައްސާ ގަޑީ ގައި އަލިފާން ނިއްވާ ދެ ލޮރި ތައްޔާރަށް ބޭއްވުުމެއެވެ.މީގެ އިތުރުން ބޯޓުން ފްލައިޓް އެޓެންޑެންޓް ޓީނާ މަކްލޯވް ފޭބުމަށް ފަހު ޑޮލަރު އަދި ވައި ކުޑަ ހިފައިގެން ބޯޓަށް އެނބުރި އައުމެއެވެ.ދަތުރުވެރިންނަށް ކޫޕަރ އެންގީ މަޑު މަޑުން ސީޓުތަކުން ނުތެދުވެ ތިބުމަށާއި ފައިސާ ބޯޓަށް ލިބުމާއި އެކު ހުރިހާ ރަހީނުން ވެސް ދޫ ކޮށްލާނެ ކަމަށެއެވެ.
ކޫޕަރ ބޭނުންވާ ކަންތައް ހަމަ ޖެހެންދެން ބޯޓު ދިޔައީ ވޮޝިންގްޓަން ގެ ހުޅަނގު އައްސޭރިފަށުގައ ކަނޑާއި ގުޅިފައިވާ ފެނުގެ ވާދީ ތަކެއް މަތީ ބުރު އަޅަމުންނެއެވެ.އެމެރިކާގެ އެފް.ބީ.އައި އަދި އަސްކަރިއްޔާ ގެ ސައުތް ޕެސިފިކް ޑިވިޝަން އިން ފައިސާ އަދި ވައި ކުޑަ ލިބޭނެ އިންތިޒާމް ހަމަ ޖައްސަމުން ދިޔަ އިރު ދެ ގަޑި އިރު ވަންދެން ބޯޓު މަތީގައި އުދުހުނެއެވެ.ކޫޕަރ ދިޔައީ ބޯޓުތެރޭގައި ސިނގިރެޓަކަށް ފަހު ސިނގިރެޓެއް ރޯ ކުރަމުންނެއެވެ.ކޫޕަރ ގެ ހުއްދަ ލިބިގެން ބޯޓު ސިއެޓްލް ގައި ޖެއްސީ 17:40 ގަ އެވެ.
ބޯޓު ޖެއްސުމަށް ފަހު މައި ޓާމިނަލް އާއި ދުރުގައި މަޑުކޮށްލިއެވެ.ކޫޕަރ ގެ އިޝާރާތައް އެފް.ބީ.އައި އެޖެންޓެއް ބޯޓް ކައިރި އަށް އައިސް ފައިސާ ދަބަސް އަދި ވައި ކުޑަތައް ފްލައިޓް އެޓެންޑެންޓް ޓީނާ އާއި ހަވާލު ކުރިއެވެ.ޓީނާ ބޯޓަށް ދަބަސް އަދި ވައި ކުޑަ ހިފައިގެން އެރުމާއި އެކު ފަޅުވެރިން ނޫން ހުރިހާ ދަތުރުވެރިން ދޫކޮށްލިއެވެ.އެ އާއި އެކު އަނެއްކާވެސް ތެޔޮ އަޅައިގެން ބޯޓު ފުރިއެވެ.ކޫޕަރ އެދުނީ ގަޑި އަކު 185 ކިލޯ މީޓަރުގެ ބާރު މިނުގައި 10،000 ފޫޓް މަތިން އުދުހުމަށެއެވެ.ބޯޓް ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ބޯޓުގެ ސިޑި ތިރިކުރުމަށް އޭނާ އެދުނެއެވެ.ސިޑި ތިރި ކުރުމާއި އެކު ހުރިހާ ފަޅުވެރިން ކޮކް ޕިޓަށް ވަނުމަށް އިރުޝާދު ދިނެއެވެ.އޭގެ ފަހުން ވައި ކުޑައިގައި ކޫޕަރ ފުންމާލިއެވެ.ކޫޕަރ އެންމެ ފަހުން ފެނިފައިވަނީ ކޮކްޕިޓަށް ވަން ގަޑީ ޓީނާ އަށެއެވެ.
ރައްކާތެރި ކަމާއެކު ރެނޯގެ ވައިގެ ބަދަރަށް ބޯޓު ޖެއްސީ ރޭގަނޑު 11:10 ވީ އިރެއެވެ.ބޯޓު ޖެއްސީ ކޮކްޕިޓުން ކޫޕަރ އާއި ދައްކަމުން ދިޔަ ވާހަކަ ތަކަށް އޭނާގެ ޖަވާބެއް ނުލިބި ލަސްވުމުން ބޯޓުގައި އޭނާ ނެތް ކަމަށް ނިންމާފައެވެ.ބޯޓު ޖެއްސުމާއި އެކު އެފް.ބީ.އައި އިން ބޯޓަށް އަރާ ތަހުގީގު ފެށިއެެވެ.ބޯޓުން ލިބުނު ހެއްކާއި ގަރީނާތަކުން ވެސް ޑީ.ބީ ކޫޕަރ އެއީ ކާކު ކަމެއް ޔަގީން ނުކުރެވުނެއެވެ.ޝައްކު ކުރެވޭ ދެ މީހަކު ބަންދުކޮށް ކުރި ތަހްގީގުން އެ މީހުންނާއި ބޯޓު ރަހީނު ކުރުމާއި ގުޅުމެއް ނެތް ކަން އެނގި ދޫ ކޮށްލިއެވެ.ސީރިއަލް ނަމްބަރު ނޯޓު ކޮށް އެފް.ބީ.އައި އިން ކޫޕަރ އާއި ހަވާލު ކުރި ފައިސާ ހޯދުމަށް ކެސިނޯ ތަކާއި ވިޔަފާރި އަދި އާއްމުންނަށް ވެސް ސީރިއަލް ނަމްބަރ ހާމަ ކުރިއެވެ.އަދި އެ ނޫޓް ތަކާއި ބެހޭ އެއްވެސް މައުލޫމާތެއް ދިން ފަރާތަކަށް ފައިސާގެ އިނާމު ވެސް ހުށަހެޅި އެވެ.ނަމަވެސް، ތަހުގީގަށް އެއްވެސް ކުރި އެރުމެއް ނުލިބުނެއެވެ.
ހާދިސާ ހިިނގިތާ 09 އަހަރު ފަހުން 1980 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަަނަ ދުވަހެއެވެ.ކޮލްމްބިއާ ކޯރުގެ އައްސޭރި ފަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 08 އަހަރުގެ ބްރިއަން އިންގްރަމް އަށް ވެލި ތަކުގެ ތެރޭގައި ވަޅުލެވި ވަރަށް ބޮޑަށް ހަލާކު ވެފައިވާ 03 ބޮނޑި ޑޮލަރު ފެނުނެއެވެ.ޖުމްލަ 5800 ޑޮލަރު ފެނުނު އެވެ.ތަހްގީގީ އިދާރާތަކުން ވަނީ އެ ފައިސާގައި ވާ ސީރައަލް ނަމްބަރު ތައް ކޫޕަރ އާއި ހަވާލު ކުރެވުނު ނޫޓްތަކުގައި ވާ ނަމްބަރުތަކާއި ދިމާވާ ކަމަށް ބުނެފައެވެ.ނަމަވެސް އިތުރު ފައިސާ އަދި ކޫޕަރ ގެ ވެސް ހިލަމެއްވެސް އޭގެ ފަހުން ނުވެއެވެ.
ކޫޕަރ މަރުވެފައި ވާ ކަމަށް ހާދިސާ ހިނގިތާ މާ ގިނަ ދުވަހެއް ނުވަނީސް އެފް.ބީ.އައި އިން އިއުލާން ކުރި ނަމަވެސް އޭނާ ހޯދުމަށް ކުރިޔައް ގެންދިޔަ ތަހުގީގް ނިންމާލީ 2016 ވަނަ އަހަރު އެވެ.އެއްވެސް ބަޔަކަށް މިއަދާ ހަމަޔަށް ވެސް އެ އީ ކާކުކަން ސާބިތު ކޮށް ނުދެވެއެވެ.1971 ވަނަ އަހަރު ނޮވެމްބަރު 24 ވަނަ ދުވަހު ވުޖޫދުވި ޑީ.ބީ ކޫޕަރ، ވަނީ ހަމަ އެ ދުވަހު އަބަދުގެ އަބަދަށް، ނެވާޑާގެ ފިނި ވައިގެތެރެއަށް ގޮސް ގެއްލިފައެވެ.
މި ލިޔުން ކިޔާލުމުން