ކުރިއާ އަޅާބަލާއިރު ޞައްޙަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މާލޭގައި ހިންގަމުންދާ މާރުކޭޓުތަކަށް އަމާޒުކޮށްގެން ހިންގި ޚާއްޞަ އޮޕަރޭޝަނާ ބެހޭގޮތުން އިމިގްރޭޝަނުން ބުނީ ރޯދައާ ދިމާކޮށް މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން އަތްގަދަކޮށް ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާކަމުގެ ރިޕޯޓުތައް އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ފުރަތަމަ ބަލައިފާސްކޮށްފައިވާނީ މާލެތެރޭގައި ހިންގަމުންދާ ކުދި މާރުކޭޓުތައް ކަމަށާއި، ފެބުރުވަރީ 18 ވަނަ ދުވަހު ފަސް ތަނެއް ބަލައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއަށްފަހު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަންގެ ދެ ދުވަސް ކުރިން، ފެބުރުވަރީ 22 ވަނަ ދުވަހު އޮފިސަރުން ވަނީ ސިއްރުން ބިދޭސީން ތިބި ގޮޅިތައް ދެނެގަނެފައި ކަމަށާއި، ފެބުރުވަރީ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގެ ތެރެއިން އަނެއްކާވެސް ހަމަ އެ ގޮޅިތައް ބަލައިފާސްކޮށް ބިދޭސީންގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ ތެރެއިން، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން ބަލައިފާސްކުރެވުނުއިރު، ޞައްޙަ ވިސާގައި އެ ބިދޭސީއަކު މަސައްކަތް ކުރަންޖެހޭ ތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ގިނަކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. އަދި، ކުރިއާ އަޅާބަލާއިރު ޞައްޙަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށްވެސް އެ މުއައްސަސާއިން ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން