Saturday, November 14
އަދުލު އިންސާފަށް ނުފޫޒު ފޯރުވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އަދުލު އިންސާފުގެ ބާރަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު, ޑރ. އަހުމަދު ޝަމްހީދެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އެއީ އެމްޑީޕީގެ މެމްބަރުންނެވެ. ދެކޮޅަށް 46 މެންބަރުން ވޯޓުދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވައިފައެވެ.

މަޖިލީސް މެންބަރަކު އިންތިޚާބުވާ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ހުށަހަޅާފައެވެ. މަޖިލީހުން މިހާރު ވަނީ ފަނޑިޔާރުން މަދުކުރާ ބިލު ފާސްކޮށްފައެވެ.

އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހު  ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން އިރުކޮޅަކަށް ވެފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.

އޭގެ ތެރެއިން އެއް ފަނޑިޔާރު ކަމަށްވާ ހުސްނުއްސުޢޫދު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިރުދައްކަވައި، ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު