Friday, November 13
އައްޑޫ ބްރިޖްގެ މަސައްކަތަށް ފަންނީ ލަފާ ދޭނެ ފަރާތެއް ހޯދަނީ

އައްޑޫ ސިޓީގެ ހިތަދޫ-ހުޅުމީދޫ ބްރިޖްގެ ފަންނީ މަސައްކަތަށް ލަފާ ދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ލިންކް ޕްރޮޖެކްޓްގެ ސާވޭ، ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ގާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މައުލޫމާތު) ހުށަހަޅަން ވާނެ ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އަދި އެ މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭން ވަނީ ނިންމާފައެވެ.

އެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓްގައި މާދަމާ އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައިވެއެވެ. އަދި އެ މަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައިވެއެވެ.

މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު