ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމަށްވާއިރު، މި ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެތާނީ ޖެނެރަލްގެ އޮފީހުން އަރުވައިފިއެވެ.
މި ޔަޤީންކަން ސަރުކާރުން އެރުވީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގައި، އ.ދ. އާއި، އެހެނިހެން ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، އެހެން ގައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ލިޔުމުން ހުށަހެޅި ބަޔާނުގައެވެ.
އެޖީ އޮފީހުން ފޮނުވި މި ބަޔާނުގައި މި މައްސަލައިގައި ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ މައި ޖަމްއިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމާފައިވާކަމާއި ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންގެންދާކަން ފާހަގަކޮށްފައިވެ އެވެ.
އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭ އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މި މައްސަލައަކީ، އ.ދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
ރާއްޖޭގެ ފަރާތުން އިއްޔެ ހުށަހެޅި ބަޔާނާ ގުޅިގެން އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ވިދާޅުވީ، އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އެ ބަޔާނުގައި އަލިއަޅުވާލާފައި ވާނެ ކަމަށެވެ. އަދި އ.ދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތަކާ ގުޅިގެން އޮތް ޒިންމާ ތަފްސީލުކޮށް، އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމްއިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގްވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން