ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު، އިބްރާހީމް އިސްމާޢީލް (އިބުރާ) ހައި ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވައި އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެއެވެ. ޤއ ގެ ބާރު ދިޔައީއެވެ.
ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފީމެވެ.
— Maverick Ibra (@ibramandhu) February 28, 2025
އަދި ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެ ކަމަށާއި، ޤާނޫނުއަސާސީގެ ބާރު ދިޔައީ ކަމަށެވެ.
އިބުރާ މިހެން ވިދާޅުވެފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ވަނީ މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ތިން ބޭފުޅަކު ސަސްޕެންޑްކޮށްފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އާ ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމުލަ ހަތް މެމްބަރުންނެވެ.
ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
މި ލިޔުން ކިޔާލުމުން