ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި، ރަމަޟާން މަހަކީ ވިސްނުމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެއްކަން ފާހަގަކުރައްވައި، މި ރަމަޟާން މަހު އެކުވެރިކަމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި ވަނީ މި ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ހަމަޖެހުމާއި، ފުރިހަމަ ޞިއްޙަތަކާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި، މި ރަމަޟާން މަހު ވެސްޓް ބޭންކާއި ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ލުއިކޮށްދެއްވުމަށާއި، ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ކުރާ ހަނގުރާމައިގައި އިންސާފުވެރި އަދި ދެމިއޮންނަ ހައްލެއް ކަށަވަރުކޮށްދެއްވުމަށާއި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ވެރިރަށް ކަމުގައި ހަދައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ މުސްލިމް އުއްމަތަށް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން