އާންމު މަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތަށް އޭޕްރީލް މަހު ފޮނުވާ ބިލުތަކަށް ޑިސްކައުންޓް ދޭނެ ކަމުގައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހު ގޭބިސީތަކުން ފެނާއި ކަރަންޓު ބިލަށް ޑިސްކައުންޓް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، މި އަހަރުގެ އޭޕްރީލް މަހު އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލުތައް "އާންމު މަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން"، އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން އެ ކުންފުނިން ބުނީ އާންމު މަހެއްގައި ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ 2024 ވަނަ އަހަރުގެ ފެބުރުވަރީ، މާރިޗު އަދި އޭޕްރީލް މަސް ނުހިމަނައި އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރު ކަމަށާއި، މިގޮތުން ކަނޑައެޅޭ އާންމު މަހުގެ ބިލުގެ މިންވަރަށްވުރެ އޭޕްރީލް މަހު ތައްޔާރު ކުރެވޭ ބިލު ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ބިލުން އުނިކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ މިގޮތުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލުގެ %10 އަށްވުރެ ކުޑަ މިންވަރެއް ކަމަށްވާނަމަ، %10 އާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ ކަމަށާއި، އޭޕްރީލް މަހު ފޮނުވާ ބިލު އާންމު މަހުގެ ބިލަށްވުރެ ކުޑަނަމަ، ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެ ކަމަށެވެ.
އަދި، އޭޕްޜީލް މަހުގައި އަލަސޤ ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، މިހާތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ މި އަހަރުގެ އޭޕްރީލް މަހު ފޮނުވާ ބިލު ކަމުގައިވާނަމަ، އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ވަނީ މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ އެ ކުންފުނީގެ ކަސްޓަމަރ ކެއަރގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމަށް ނުވަތަ އީމެއިލް ކުރުމަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން