ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިޢުލާނުގައި ބުނެފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންވާނެއެވެ. ނުވަތަ އެ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ހިމެނޭހެން ޖުމުލަ 35،500ރ. ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 13 މާރިޗު 2025 ގެ 13:00 ގެ ނިޔަލަށެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވީ ޢަލީ ޒަކީއެވެ. ޒަކީއަކީ އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
މި ލިޔުން ކިޔާލުމުން