ކާބޯތަކެތީގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނުގެ ދަށުން ކެފޭ ރެސްޓޯރަންޓް ތަކުން ވިއްކާ ކާބޯތަކެތި ނުވަތަ އޭގެ މެނޫ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ކާބޯތަކެތި އިޝްތިހާރުކުރުމުގެ ގަވާޢިދުން މަނާ ނުވާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއީލް ޒާހިރު ވިދާޅުވީ ކެފޭއެއްގެ ނުވަތަ ރެސްޓޯރަންޓްގައި ވިއްކާ ތަކެތި އިންސްޓަގްރާމް ގައި އިޝްތިހާރު ކުރުން އެއްވެސް ގޮތަކަށް މި ޤަވާޢިދުގެ ތަރަހައިގައި ނުހިމެނޭ ކަމަށެވެ. އެއީ އެތަނަކުން ދޭ ޚިދުމަތެއް ގޮތަށް ކުރާ އިޝްތިހާރެއް ކަމަށް ޒާހިރު ވިދާޅުވިއެވެ. މެނޫ، ނުވަތަ އެތަނުން ފޯރުކޮށްދޭ ކާއެއްޗެއްގެ ފޮޓޯ ތަކެތި އިޝްތިހާރު ނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން އޮޅުން އަރާ އެ ސުވާލު އުފައްދަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްމާޢީލް ޒާހިރު ވިދާޅުވީ ކެފޭ ރެސްތޯރަންޓް ތަކުގެ ފާރުގައި ހިއްޕާފައިވާ ނުވަތަ އެހެން ތަނެއްގައި ހަރުކޮށްފައިވާ ފޮޓޯތައްވެސް އިޝްތިހާރުގެ ގޮތުގައި އެ ޤަވާއިދުގެ ދަށުން މަނާ ނުވާނެ ކަމަށެވެ. ކާބޯތަކެތި އިޝްތިހާރު ކުރުމަށް ފުރިހަމަވާން ޖެހޭ ވަކި ޝަރުތުތަކެއް އަދި އިޝްތިހާރު ނުކުރެވޭނެ ކަންކަން ގަވާޢިދުގައި ވަނީ ހިމަނާފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފުޑް ކޮލިޓީ އެޝުއަރަންސް ކޯޑިނޭޓަރ އައިމިނަތު ޝަބާނާ އަލީ ވިދާޅުވީ ކާބޯތަކެތީ އިޝްތިހާރު ކުރުމުގައި އެކަތި އަނެކައްޗާ އަޅާކިޔުން، އަދި ވަކި އުފެއްދުމަކުން ވަކި ކަމަކަށް މަގުފަހިކޮށްދޭ ކަމަށް ބުނާނަމަ އެފަދަ އިޝްތިހާރު ކުރެވޭނީ އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެންނެވެ.
މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ބައެއް ތަކެތި ބޭނުން ކުރުމުން ހަކުރު ދަށް ވުމަށް މަގުފަހިވާނެކަމަށް ބުނުން އޭނާ ފާހަގަކުރެއްވިއެވެ. ނުވަތަ ހަނޑުލުގެ އިޝަތިހާރެއްގައި "ގުލޫޓަން ފްރީ" ކަމަށް ޖަހާފައި ހުންނަ ހުރުން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ހަނޑުލަކީ އޭގެ ޒާތުގައި ގުލޫޓަން ހިމެނޭ އެއްޗެއް ނޫން ކަމަށެވެ.
" ގްލޫޓަން އިންޓޮލަރަންސް ބައެއް ބޭފުޅުން އެބަދިމާވޭ. އެބޭފުޅުންގެ ހަށިގަނޑާއި ނުގުޅޭ މާއްދާއެއް ގްލޫޓަންއަކީ. އޭގެ ސަބަބުން އެބޭފުޅުންނަށް ބައެއް ކަހަލަ ރިއޭކްޝަންތައް އައިސް އެބަހުރޭ އަދި ބައެއް ކަންކަން ދިމާވޭ. ނަމަވެސް ހަނޑުލުގެ އިޝަތިހާރެއް ކުރާއިރު އެބަ ދިމާވޭ "ގުލުޓަންފްރީ" ރައިސް އެހެން ޖަހާފައި. އެހެން ނަމަވެސް އޭއީ އޭގެ ޒާތުގައި އޭގައި ނުހުންނަ އެއްޗެއް ހުރި ކަމަށް މި ބުނެވެނީ" އައިމިނަތު ޝަބާނާ ވިދާޅުވިއެވެ.
މިފަދަ ހާލަތްތަކަކީ ގަވާއިދު ބުނާގޮތުން މަނާކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެފަދަ އެއްޗެއްގައި ހުންނަ ވިޓަމިންސް ނުވަތަ ނިއުޓްރިޝަން ވެސް އިޝްތިހާރު ކުރެވޭނީ އެއްޗަކުން ލިބޭ މިންވަރު ބޭރުގައި ހިމަނާ އެ އެއްޗެއް އެއީ ދުވާލެއްގެ މައްޗަށް މީހާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލިބެންހުނަ ކަމަށް ވާނަމަ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ތަކެތީގެ އިޝަތިހާރު ކަމަށް ހަމައެކަނީ ބަލާނީ ފޮޓޯ، ވީޑިއޯ، އޯޑިއޯ ގެ އިތުރުން އެފަދަ އެއްޗެއްގައި ޖަހާފައިވާ ލޭބަލްވެސް ހިމެނޭނީ އިޝްތިހާރުގެ ގޮތުގައިކަން ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން އެފަދަ ލޭބަލްވެސް ހުންނަންޖެހޭނީ އެމްއެފްޑިއޭ އިން ކަނޑައާޅާ މިންގަޑަކަށެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާއި ބެހޭ ގޮތުން އާއްމުކުރި ޤަވާޢިދުގައި ވާގޮތުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކޮށްފިނަމަ އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑު ޖުރިމަނާއެއް ކުރެވޭނެއެވެ.
އެގޮތުން ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 ރުފިޔާއިން ޖޫރިމަނާކުރުން، އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މި ލިޔުން ކިޔާލުމުން