މީގެ އިތުރުން އެ ވުޒާރާއިން ބުނީ 15 ނޮވެންބަރު 2023 ގައި އާންމުކުރި ލިސްޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަޙުޤީޤަށްފަހު ރަނގަޅު ކުރުމަށް އަންގަވާފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކުރިއަށް ގެންދެވުނު ލިސްޓް ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތަށްފަހު މިހާރު ޝާއިޢުކޮށްފައިވާ ލިސްޓުގައި ފްލެޓް ލިބޭކަމަށް ކަނޑައެޅިފައިވަނީ ދެ ކަމެއް ފުރިހަމަވާ ފަރާތްތައް ކަމުގައެވެ. އެއީ:
- މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާކަމަށް ލިޔެކިޔުންތަކުން އެނގޭ ފަރާތްތައް.
- 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ އެކު ޢާންމު ކުރެވުނު ލިސްޓުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 75 (ހަތްދިހަ ފަހެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް، އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 (ހަތްދިހަ ތިނެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ ޢަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް.
މިއަދު ޝާއިޢުކުރި ފުލެޓު ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
މިގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ "ގެދޮވެރިން ޕޯޓަލް" މެދުވެރިކޮށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީ މެދުވެރިކޮށް އެ ވުޒާރާއަށް ހުށަހެޅޭނެއެވެ.އެ ވުޒާރާއިން އިތުރަށް ބުނީ ކުރީ ސަރުކާރުން އާންމުކުރި ފުލެޓު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ އެފަރާތްތަކަށް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން އެފަރާތަކާ ފްލެޓް ޙަވާލުކުރުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގެ 3 ވަނަ މާއްދާގެ (ރ)، (ބ)، އަދި (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކް ކުރެވޭނެ ކަމަށާއި، ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށްވެސް އެ ވުޒާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.






