ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކަށް ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން، އެގައުމުގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުހަންމަދު ޔޫނުސް ދެއްވައިފިއެވެ.
މިގޮތުން ޑރ. ޔޫނުސް މި ޔަޤީންކަން ދެއްވާފައިވަނީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ގަވާދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހޯމް މިނިސްޓްރީން ފަށައިގެން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތަފްސީލް އެކަމަނާ ވަނީ ޑރ. ޔޫނުސްއަށް އަރުވާފައެވެ. އަދި ޑރ. ޔޫނުސް ވަނީ ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުން މިކަމުގައި ރާއްޖެއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ އިސްވެރިންނާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމާއި ގާތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޑރ. ޔޫނުސްގެ ޒަޢާމަތުގައި ބަންގްލަދޭޝްއިން ހޯދަމުންދާ ކުރިއެރުންތަކަށް ތަޢުރީފްކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝަވަރާކުރެއްވިއެވެ.
ޑރ. ޔޫނުސް ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދިހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންދެވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ވެރިކަމާއި ހަވަލުވެވަޑައިގެންފަހުން މިވީ ކުރު މުއްދަތުގައި ރާއްޖޭގެ ރައީސް ޑރ. މުއިއްޒާއި ދެފަހަރެއްގެމަތިން ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި މިއީ ދެގައުމުގެ ދެމެދުގައިއޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރުދަންނަވައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝަކީ ހާއްސަކޮށް މަތީތައުލީމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝުން ރާއްޖެއަށް ދެމުންދާ ސްކޯލަޝިޕްގެ ފުރުސަތުތަކާއި މެޑިކަލް އިންޓާންޝިޕްގެ ފުރުސަތުތަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްވަރާތަކުއި ރާއްޖެއާއި ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުތަކަގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތަށް ގުޅިގެން އެކުއެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން