Saturday, October 31
ރާއްޖެ މިވަގުތު މިސްރާބު ޖަހާފައި މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް: އިބޫ
ރާއްޖެ މިވަގުތު މިސްރާބު ޖަހާފައި މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޞާލިޙް ވިދާޅުވީ މި ފެނިގެންދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދައި, ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި, ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު, ހުތުރު ޢަމަލުތަކެއް ކަމަށެވެ. "މި ކަންކަން ހުއްޓާލައި, ޤާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލަން"، ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ. "އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ޙައްޤުތަކާއި, ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން. އެކަމުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން"، ޞާލިޙް ވިދާޅުވިއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާތީ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން އިއްޔެއިން ފެށިގެން ސަސްޕެންޑްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު