Saturday, October 31
ގެމަނަފުށީގައި ޤާއިމްކޮށްފައިވާ އައު އައިސް ޕްލާންޓް ހުޅުވައިފި

އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުން ގއ. ގެމަނަފުށީގައި އަޅާފައިވާ އައިސް ޕްލާންޓް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އައިސް ޕުލާންޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުން އިތުރު 13 އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެން ދާނެކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަގަޅުވެގެން ދާނެކަމަށެވެ.

ގެމަނަފުށީ އަލަށް ޤާއިމްކުރެވުނު އައިސް ޕްލާންޓުން ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭނެއެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެއެވެ. އެހެންކަމުން މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޮނަރަބަލް ޖީ. ބާލަސުބްރަމަނިއަމްއާއި، މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވްއާއި ޚާރިޖީ ވުޒާރަގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި ގެމަނަފުށީ މުވައްސަސާތަކުގެ އިސްވެރިންނާއި މިފްކޯގެ ސީނިއަރ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު