Saturday, October 31
ނޫރުލް އަޛާން މުބާރާތް އަންނަ އަހަރު އިތުރަށް ފުޅާކޮށް ބޮޑުކޮށް ބާއްވާނަން: މިނިސްޓަރު ޝަހީމް

ނޫރުލް އަޛާން މުބާރާތް 2026 ވަނަ އަހަރު އިތުރަށް ފުޅާކޮށް ބޮޑުކޮށް ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ނޫރުލް އަޛާން 1446 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މި މުބާރާތް ބޭއްވިގެންދާކަމީ ވުޒާރާއަށް ލިބޭ ބޮޑު އުފަލެއްކަމަށާއި، މި މުބާރާތަކީ ދީނީ މިފަދަ ކަންކަމުގައި ކުދިންގެ ހުނަރު އިތުރަށް ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މުބާރާތެއްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަންނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ރަށްރަށުގެ ބައިވެރިންނަށްވެސް ވާދަކުރެވޭ ގޮތަށް މުބާރާތް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، މިއަހަރުގެ މުބާރާތުގެ ރަންވަނަތައް ހާސިލްކުރާ ބައިވެރިންނަށްނަށް ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު ދެ މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ބަންގި ގޮވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުން ޒުވާން ކުދިން މިފަދަ އެކި ރޮނގުތަކުން ކުރިއަށްދާ މަންޒަރު ފެނިގެންދާކަމީ އިސްލާމީ މުޖުތަމަޢުއައް އުފާވެރިކަމެއްކަމަށާއި އެފަދަ ކުދިން ޚިޔާރުކޮށްފައި އެވަނީ ވަރަށް ހެޔޮ މަގެއްކަމަށްވެސް މިރޭގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވިއެވެ.

ނޫރުލް އަޛާން 1446 ގެ ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފްއެވެ. މި މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ ޙަމްޒާ ބިން ހަސަންއެވެ. އަދި މުބާރާތުގެ ތިން ވަނައަށް ހޮވިފައިވަނީ މުޙައްމަދު ހަނޫން ޙުސައިންއެވެ.

މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުމާއެކު ޙާއްސަ އެކި އިނާމުތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު