މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހެނީ ޓީމާއެކު ކަމަށް ޤަބޫލުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު، ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ފާސްކުރުމަށް ޖުޑީޝަރީ ކޮމިޓީގައި ވޯޓު ނުދެއްވައި، އެ ބިލު ފާސްކުރުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
Committee ga bill thakah khiyaalu faalhukuran. Namaves majority in kameh nimmaairu dhaanjehenee team aa eku kamah gaboolukuran. Shukriyya
— Dr. Anara Naeem (@AnaraNaeem) February 26, 2025
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަނާރާ ވިދާޅުވީ ކޮމިޓީގައި ބިލުތަކަށް ޚިޔާލުފާޅުކުރައްވާ ކަމަށާއި، ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހެނީ ޓީމާއެކު ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް ފާސްކުރުމަށް ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް އިއްޔެ ނެގި ވޯޓުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕިއެންސީގެ 64 މެމްބަރުން ވަނީ ބިލާއި އެއްކޮޅަށް ވޯޓް ދެއްވާފައެވެ. ބިލާއި ދެކޮޅަށް ވޮޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އާ ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމުލަ ހަތް މެމްބަރުންނެވެ.
ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
މިއަދު މި ބިލު ފާސްކުރެވުމާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާތީ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން