Saturday, October 31
އާރްޓީއެލް ފެރީގެ ޓާމިނަލްތައް ސިޓީސް މިނިސްޓްރީއާ ހަވާލުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނިޒާމާ ގުޅިގެން ހިދުމަތަށް ހާއްސަކޮށްގެން ހަދާފައިވާ ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް ކައުންސިލްތަކާ ހަވާލު ކުރަން ނިންމާފައިވާތީ އެތަންތަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އެ ތަންތަން މިނިސްޓްރީއާ ހަވާލުކުރީ މިއަދު ވިލާ ކޮލެޖުގެ ހޯލުގައި އެ ކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފެރީ ޓާމިނަލްތަކާ ހަވާލުވުމުގެ އެއްބަސްވުމުގައި ތިން ފަރާތަކުން ސޮއިކުރެއްވިއެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ފާޠިމަތު ޝަހާން މުޙައްމަދާއި، އެމްޓީސީސީގެ ފަރާތުން ޖެނެރަލް މެނޭޖަރު ޢަލީ ފާޠިޙް އަދި ލޯކަލް މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާ ސޮއިކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހަވާލުކުރެވުނީ ޒޯން 1 ގައި ހިމެނޭ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގައި ޤާއިމްކޮށްފައިވާ 21 ތަނެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ތަންތަން ޙަވާލުކުރެވުމާ ގުޅިގެން،މި ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި މި ތަންތަނުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، މާލީ މަންފާ ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ތަންތަން ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހެޅި ހިޔާލަކާ ގުޅިގެން ކަމަށެވެ.

އަދި އަންނަ ތިން މަސް ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ އެންމެހައި އިޖުރާއަތުތައް ނިންމައި، ކައުންސިލްތަކާ ތަންތަން ހަވާލުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު