Saturday, October 31
ލާމަރުކަޒީ ނިޒާމަށް ޙަޤީޤީ ބާރުވެރިކަން ދިނުމަށް ފެށި މަސައްކަތް ހުއްޓުމެއްނެތި ދާނީ ކުރިއަށް: ރައީސް
ލާމަރުކަޒީ ނިޒާމަށް ޙަޤީޤީ ބާރުވެރިކަން ދިނުމަށް ފެށި މަސައްކަތް ހުއްޓުމެއްނެތި ދާނީ ކުރިއަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ރަށްރަށަށް ދަތުރުކުރައްވައި، ކައުންސިލްތަކުގެ އަޑު ސީދާ އައްސަވައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ހާލަކު ލޮލުން ދެކެވަޑައިގެން، ލާމަރުކަޒީ ނިޒާމަށް ޙަޤީޤީ ބާރުވެރިކަން ދިނުމަށް ފެށި މަސައްކަތް ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް ކަމަށެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ، ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިއުން ކަމަށާއި، ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ފުރުޞަތު ދިނުން ކަމަށެވެ. "ރައްޔިތުން ގާތަށްގޮސް، ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުވައި، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުން"، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ މަސްއޫލިއްޔަތާ އެކަށޭނަ ހައިބަތު، ވަޒީފާ އަދާކުރާ ވެށްޓާއި، އިމާރާތުން ސޫރަވާން ޖެހޭނެ ކަމަށާއި، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ގާއިމުކޮށްދީ، ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ އިޙްތިރާމާއި ޤަދަރުދީ، އެ އަޚުލާޤު އުފެއްދުމަކީ، އެމަނިކުފާނު ޤަބޫލުކުރައްވާ އުސޫލު ކަމުގައެވެ. މިގޮތުން ސަރުކާރުން ވަނީ 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ، އިމާރާތް ކުރުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނެސް، އެ ބިލު ވަނީ ތަޞްދީޤުކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު