Monday, November 2
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފިއެވެ.

މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

ޖޭއެސްސީން މިއަދު ބުނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ" ކަމަށް ބަޔާންކޮށްފައިވާތީ، މި މާއްދާއަށް ރިޢާޔަތްކޮށް، މި ތިން ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީ ގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 04 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ތިން ބޭފުޅަކު ސަސްޕެންޑްކޮށްފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް އިއްޔެ ނެގި ވޯޓުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕިއެންސީގެ 64 މެމްބަރުން ވަނީ ބިލާއި އެއްކޮޅަށް ވޯޓް ދެއްވާފައެވެ. ބިލާއި ދެކޮޅަށް ވޮޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އާ ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމުލަ ހަތް މެމްބަރުންނެވެ.

ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު