އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެމިހުންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދާއިރާގެ ރައްޔިތުންނަށް ވަފާތެރި އިޚްލާސްތެރި މެންބަރެއްގެ ގޮތުގައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހީމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.
އިއްބެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި އޭނާއަށް ބައިވެރިވެވަޑައި ނުގެންނެވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި އުޅުއްވުމުގެ ސަބަބުން ކަމުގައެވެ.
އަޅުގަނޑު އެންމެ ފުރަތަމަދުވަހުން ފެށިގެން ދެމިހުންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށާއި ދާއިރާގެ ރައްޔިތުންނަށް ވަފާތެރި އިޚްލާސްތެރި މެންބަރެއްގެ ގޮތުގައި. މިއަދު މަޖިލީހުގެ ޖަލްސާގައި އަޅުގަނޑަށް ބައިވެރި ނުވެވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި އުޅުމުގެ…
— Ibrahim Hussain (@dreamsibbe) February 25, 2025
"އަޅުގަނޑުގެ ނަންވެސް ހިމަނައިގެން މިއަދުގެ ވޯޓާ ގުޅުވައި ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް"، އިއްބެ ވިދާޅުވިއެވެ.
އިއްބެ ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯދައިދިނުމަށް ފިސާރި ގަދަކޮށް ކަމަށެވެ.
އިއްބެ މިހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ޤާނޫނު އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 11 މެންބަރުން ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހީމް ފަލާޙް ރަޝީދު ވަނީ ވިދާޅުވެފައެވެ.
ފަލާޙް ވިދާޅުވީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް މީޑިއާތަކުގައި ލިޔެފައިވާ ޕީއެންސީގެ 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގައި ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓު ނެގި ވަގުތު ޕީއެންސީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގެންފައިވަނީ ކީއްވެގެންތޯ އާއި، އެހެންދިމާވި ސަބަބު ޕީޖީ ލީޑަރޝިޕުން މިހާރު ބަލަމުންދާ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
މިއަދު ބޭއްވި ޖަލްސާގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، ބިލުގެ ބަހުސް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއަށް ފަހު މަޖިލިހަށް ބިލު ބަލައިގަންނަން ފެނޭތޯ ވަނީ ވޯޓަށް އަހާފަ އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލިހަށް ބިލު ބަލައި ގަތުމަށްފަހު، ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މި ލިޔުން ކިޔާލުމުން