Saturday, October 31
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލް ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން އޮތީ ތްރީ ލައިން ވިޕެއް ނެރެފައެވެ. އެއީ ޕީއެންސީގެ ލީޑަޝިޕުން އެ ބިލް ފާސްކުރަން ނިންމާފައި އޮތުމުންނެވެ.

މަޖިލީހުގެ ޖަލްސާގައި ބިލް ބަލައިގަތުމަށް ނެގުނު ވޯޓުގައި 76 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވީ ބިލް ބަލައިގަތުމަށެވެ. 12 މެންބަރުން ވޯޓު ދެއްވީ ބިލް ބަލައިގަތުމާ ދެކޮޅަށެވެ. އެއަށްފަހު ބިލް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ވަނީ ބިލް ފާސްކޮށްފައެވެ.

ބިލުގައިވާ ގޮތުން، ފަނޑިޔާރުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅައި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. ޖޭއެސްސީން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް ބިލަށް ޢަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި މަޖިލީހުން ހަތް ދުވަހުގެ ތެރޭގައި މިކަމާމެދު ގޮތެއް ނިންމަންޖެހޭނެއެވެ.

ފެހި ޤާނޫނުއަސާސީގެ ދަށުން އުފެދުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބެވިއެވެ. 2010 ގައި ހަތް ފަނޑިޔާރުންގެ ދާއިމީ ކޯޓެއް އުފެދުނެވެ. 2014 ގައި އަދަދު ފަހަކަށް މަދުކުރެވުނު ނަމަވެސް، 2019 ގައި އަލުން ހަތަކަށް އިތުރުކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު