Saturday, October 31
ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސަވާފައެވެ.

އަދި މި ދަތުރުފުޅުގައި ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމާއި، މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، ބަނޑިދޫ ބަނދަރުގެ ބޭރުތޮށި ބަދަލުކުރުމާއި، އުއްދޫ އާންމު ރައްޔިތުންގެ ދަތުރުފަތުރަށް ހުޅުވާލުމާއި، ހުޅުދެލީގެ ބިންހިއްކުން ފަދަ މުހިންމު މަޝްރޫޢުތަކެއް އިޢުލާންކުރެއްވިއެވެ.

އަދި ދ. އަތޮޅަކީ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅުކަމުގައި ވެގެން ދިޔައެވެ.

ގެދޮރުވެރިކަމާ ގުޅޭގޮތުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓު އެޅުމުގެ ފުރުޞަތު ހުޅުވާލުމާއި، 4000 ފްލެޓްގެ ލިސްޓު އިޢުލާންކުރުމާއި، ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމާއި، ގިރާވަރު ފަޅު ހިއްކުމާއި، އުތުރު ތިލަފަޅުން 125 ހެކްޓަރު ހިއްކުން ފަދަ ކަންކަން އިޢުލާންކުރެއްވިއެވެ.

އަދި އެމް.އެފް.ޑީ.އޭގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް މާރިޗު 15 އިން ފެށިގެންނާއި، އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް އެޕްރީލް 15 އިން ފެށިގެން އެސް.ޓީ.އޯ މެދުވެރިކޮށް ލިބޭނެކަން އިޢުލާންކުރެއްވިއެވެ.

ރަމަޟާން މަހަށްފަހު އަލުން ރަށްރަށަށް ދަތުރުފުޅުތައް ކުރައްވާނެކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު