ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
މިނިސްޓަރ އަލީ އިހްސާންގެ މައްޗަށް އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅީ މިދިޔަ މަހުގައެވެ.
އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތެރޭގައި ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލު ކުރި މައްސަލަ ހިމެނެއެވެ.
ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލު ކުރި މައްސަލަ އާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެ ސިސްޓަމަކީ 2012 ވަނަ އަހަރުން ފެށިގެން ފާއިތުވެ ދިޔަ 12 އަހަރު ތިން ސަރުކާރުގެ ތެރޭގައި އެކި ފަހަރުމަތިން މީހުން ނަގައިގެން މިނިސްޓްރީތަކުން ޑިވެލޮޕް ކުރަމުން އަންނަ ސިސްޓަމެއް ކަމަށެވެ.
އެއީ އެއްވެސް ހާލެއްގައި ދިވެހި ކުންފުންޏަކުން ތަރައްޤީކޮށް ސަރުކާރުން ގަނެގެން މެނޭޖްކުރާ ސިސްޓަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ޕްރޮސެސް ފުރިހަމަ ކުރަން ބެސްޓިނެޓް އާއެކު އެއްބަސްވުމެއްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.
އޭރު އެއްބަސްވެފައި އޮތީ 15 އަހަރުގެ މުއްދަތަށް ކަމަށާއި 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނީ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެގްރީމެންޓުތަކާއި ސިޓީތައް މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައްކާލާފައެވެ. އެ ކުންފުނިން މިދިޔަ ސަރުކާރަށް އެއްވެސް ޑިމާންޑެއް ވެސް ކޮށްފައި ނުވާ ކަމަށް ބުނި ނަމަވެސް މިދިޔަ ސަރުކާރުގައި ވަކީލުން މެދުވެރިކޮށް އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސިސްޓަމް ގެނައުމުން ވޯކް ޕާމިޓްގެ ގޮތުގައި ދިވެހި ދައުލަތަށް 1.3 މިލިއަން ރުފިޔާ ވަދެގެން ދާނެ ކަމަށާއި މިއީ ކުރިން އަމަލު ކުރަމުން ދިޔަ ސިސްޓަމަށް ވުރެ ގިނަ އަަދަދެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުރީގެ ސިސްޓަމުން ހޯދަން ޖެހޭ ފައިސާ ވެސް ނުހޯދި އޮތް ކަމަށް އިހުސާން މިއަދު ފާހަގަކުރެއްވިއެވެ.
ނިމިދިޔަ ފަސް އަހަރު ތެރޭގައި މި މައްސަލައަށް ހައްލެއް ނުހޯދައި ދައުލަތަށް އެތައް މިލިއަނަކުން ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީ، ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން