އާދިއްތަ, November 1
މެންބަރުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ވަގުތީ އަމުރަކަށް އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީ އަށް މި ފަހުން ގެނައި އިޞްލާޙުތައް ބާޠިލުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް، އެ އިޞްލާޙުތަކަށް ޢަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ އޭނާ ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަޤާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެވުނު މި އިސްލާހު ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އާއި 5 ވަނަ އަދި 8 ވަނަ މާއްދާގެ އިތުރުން ، 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ޚިލާފުކަމަށް ޢަލީ ޙުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އަދި މި އިޞްލާޙު، މިހާރު ހިނގަމުންދާ  20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ. މި މައްސަލައިގައި ބަންޑާރަ ނައިބު އޮފީހުން ވިދާޅުވީ ޤާނޫނުއަސާސީ އަށް ގެންނަ އިޞްލާޙުތަކަކީ ޤާނޫނުއަސާސީގެ ބައެއް ކަމަށްވުމާއެކު، އެ އިޞްލާޙު މާނަކުރަންޖެހޭނީ އެގޮތަށް ކަމަށާއި، ޤާނޫނުއަސާސީ އަށް އިޖުރާއަތުގެ ތެރެއިން އުޞޫލާ އެއްގޮތަށް ގެނެވޭ އިޞްލާޙުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެލޭނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ މިވަގުތު އެ މައްސަލަ ކުރިއަށްގެންދަން ނިންމަވައި، މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދައުލަތެއް ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު