Saturday, October 31
މާރިޗް 15 އިން ފެށިގެން އާންމު ހުރިހާ ބޭހެއް ލިބޭނެ: ރައީސް

ރާއްޖޭގައި ދިމާވެފައިވާ ބޭހުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މާރިޗް 15 އިން ފެށިގެން އާންމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއް ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމް.އެފް.ޑީ.އޭއިން އެޕްރޫވްކޮށްފައިވާ މެޑިސިންގ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހަކާއި، އެސެންޓަލް މެޑިސިންގ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާރިޗް 15 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އޭޕްރީލް 15 އިން ފެށިގެން އިތުރު ބޭސްތައް ވެސް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މެޑިކަލް މާފިޔާ" އަށް ނިސްބަތްކުރައްވައި ރައީސް ވިދާޅުވީ، އާސަންދައިގެ ތެރެއިން ބައެއް ފަރާތްތަކުން 1000 އާއި 2000 ޕަސެންޓް ފައިދާ ނަގަމުން ދިޔަ ކަމަށެވެ. މިކަމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވެމުން އައި އިސްރާފެއް ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް ވިދާޅުވީ ބޭހުގެ ދަތިކަން މި ދުވަސްވަރު އުޅެނީ އެސްޓީއޯގެ ރޭޓަށް ބެހުގެ އަގުތައް ތިރިކުރުމުން ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށެވެ.

ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފައިސާއަކީ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި އެހެނިހެން ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންކުރެވޭނެ ފައިސާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓާ އިން މިކަމުގައި ރައްޔިތުންނަށް އުނދަގޫ ކުރަން މިކުރި މަސައްކަތް އެއްކޮށް ހައްލުކުރާނެ ކަމަށެވެ.

މި ސަރުކާރުން އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރަން ފުރުސަތެއް ނުދޭނެ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ އާންމު ރައްޔިތު މީހާއާއި މުއްސަނދި މީހާ ހަމަހަމަކުރަން ކަމަށްވެސް ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު