ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރި އިމާރާތް ކަމަށްވާ މަސްޖިދުލް އަމާނީ މަރާމާތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި މިސްކިތަކީ ހުޅުމާލޭގައި މީހުން އާބާދުވުމުގެ ދެ އަހަރު ކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ މިސްކިތް މަރާމާތުކޮށް ނިންމާފައިވަނީ މިސްކިތުގެ ކުލަ ބަދަލުކޮށް، މިސްކިތުގެ ތެރޭގައި ހުރި ހައިވަކަރު ބެރިތައް ކަތުރުފަނި ނުކާނެހެން އޭގެ އަސްލު ނުގެއްލޭ ގޮތަށް ވަރުނިސްލައި ރީތި ކުރުމަށް ފަހުގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން މި މިސްކިތުގެ މަރާމާތުގެ ތެރޭގައި، މިސްކިތުގެ ބޭރުގައި ރެނދުލައިފައި ހުރި ތަންތަން މަރާމާތު ކުރުމާއި މިސްކިތުގެ ކަރަންޓު ވައިރު އެއްކޮށް ރަނގަޅުކުރުން ވެސް ހިމެނެއެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ ލަފާފުޅުގެ މަތިން މި މިސްކިތުގައި އިތުރު ދެ ފާހާނާ ހެދުމާއި ވުޟޫކުރާނެ ތަނެއް ވެސް ވަނީ ހަދައިފައެވެ. އަދި މިސްކިތުގެ ގޯތި ތެރޭގައި ހުރި ވިނަތަކާއި ގައު ފަދަ ތަކެތި ވެސް ނެގުމަށް ފަހު، މިސްކިތުގެ ގޯތި ތެރެ ވަނީ ކުރިޔަށް ވުރެ ބޮޑަށް ޒީނަތްތެރި ކުރެވިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ދަނީ މާލޭގެ އެކި މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން