ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ޚަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށްލައްވައި، އެ ރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ދެއްވުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އީ.އައި.އޭ ފާސްވުމާއެކީގައި ޢަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެއާއެކު އެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި، މާއެނބޫދޫގެ ތަރައްޤީއަށް މައިގަނޑު ދެ ވަޢުދެއް ވެވަޑައިގެންފައިވާނެ ކަމަށާއި، އެ ގޮތުން، ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހެލްތު ސެންޓަރުގެ އެކްސްޓެންޝަންގެ މަސައްކަތް ފެށުނަސް، އެއީ އަދި އެއްބައި ކަމަށާއި އެއީ އިދާރީ ބައިކަން ފާހަގަކުރައްވައި، ޞިއްޙީ ޚިދުމަތް ދިނުމުގައި އޮތް ޖާގައިގެ ދަތިކަން އަދިވެސް އެބައޮތް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ޚިދުމަތް ދިނުމުގެ ބައިގައިވެސް، ޖާގައާއި ވަޞީލަތް އިތުރުކުރަން ޖެހޭ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މާއެނބޫދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަޞީލަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީ ކުރުމަށްޓަކައި، ހުއްޓިފައިހުރި މަޝްރޫޢުތައް، ނޫންނަމަ ރަނގަޅަށް ނުހިނގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ފެށިގެންދާއިރު، މާއެނބޫދޫގެ ފުޓުބޯޅަ ދަންޑަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވައި، އެ ރަށު ވޮލީކޯޓާއި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، އާރް.ޓީ.އެލްގެ ޚިދުމަތް މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރައްވާނެ ކަމަށާއި ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހުންފަދަ ކަންކަން ހައްލުވެގެން އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޖީނުގޭގެ މައްސަލަތައް ވަށާޖެހޭގޮތަށް ހައްލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން މި ރަމަޟާން މަސް ފެށެންވާއިރަށް ކޮންމެހެން އެންމެ އިސްކަމެއް ދީގެން ޖެންސެޓްތައް ހަމަކުރަންޖެހޭ ރަށްރަށަށް މިހާރު އައު ޖެންސެޓް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މާއެނބޫދޫގެ މައްސަލަ ހައްލުކުރުން އޭގެތެރޭގައި ހިމެނިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން