ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކެއްގައި ހަޤީޤީ ކުލަޖެހިގެންދާ ދަތުރުފުޅެއްކަމުގައި ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކައުންސިލުން މިހެން ވިދާޅުވީ ދ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސުލްޖުމްހޫރިއްޔާ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީއާ އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ދަތުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރައްވާ 3 ވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޤައުމު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫޢުތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫޢުތަކެއްކަމުގައި ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހައްދަވައިދެއްވުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންވަނީ ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްގެންދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން