އާދިއްތަ, November 1
ރ. ފައިނު އެއާޕޯޓު ތަރައްޤީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި
ރ. ފައިނު އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސައުދީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފެވެ. ފައިނު އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު، އެ އެއާޕޯޓު ހިންގާނީ އެމްއޭސީއެލްގެ ދަށުން މިވަގުތު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީންނެވެ. ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބުރުވަރީ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު، ރ. ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތްކުރައްވާނީ، އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށެވެ. މިއީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް ފުރުޞަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު