Saturday, October 31
ޑިޖިޓަލް ހެލްތު ބްލޫޕްރިންޓާއި އެކު ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ: ނާޒިމް
ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ވަޞީލަތްތަކާއެކު ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި 12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވަނީ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތްތައް މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ޑިޖިޓަލް ވަޞީލަތްތައް ޤާއިމުކޮށް ޞިއްހީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ފްރޭމްވަރކް ފަރުމާކޮށްފައިވާނީ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޞިއްޙީ ގިނަ ޚިދުމަތްތަކެއް ގިނަ ބަޔަކަށް ލިބޭނެ މަގު ފަހިވާނެ ގޮތްތައް ހިމަނައިގެން މަގުޗާޓެއްގެ ސިފައިގައިކަމަށް ވަޒީރު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރު ވަނީ ޕްރައިމަރީ ހެލްތު ކެއަރއާއި ވެކްސިނޭޝަންއާ ގުޅުހުން ހުރި ޑިޖިޓަލް ޕްލެޓްފޯމްތައް ވަނީ ޤާއިމްކޮށްފައި. މި ފިޔަވަޅުތަކާއެކު ރާއްޖެ ވެގެންދާނީ ޑިިޖިޓަލް ޞިއްހީ ނިޒާމެއް ޤާއިމްކުރުމުގެ ދާއިރާގައި ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ޤައުމަކަށް" ނާޒިމް ވިދާޅުވިއެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހުންނަ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާ މެދު ވިސްނަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ  މިފަދަ ކަންކަން ހަރުދަނާ ކުރުމަށް ސައިބަރ ސެކިޔުރިޓީ ފްރޭމް ވަރކްތައް ހަރުދަނާކޮށް، އަބަދުވެސް ސިސްޓަމްތައް މޮނިޓަރ ކުރަންޖެހޭކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު