Saturday, October 31
ރައީސް ޖަޕާނުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ ނަރުހިތޯ އަދި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ‎މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމުގެ އަގުވަޒަންކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމުގެ އެކުވެރިކަން މުސްތަޤުބަލުގައިވެސް ކުރިއަރައިގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ. ‎މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ އެމްޕެރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ. ‎ޖަޕާނުގައި ޤައުމީދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބުރުވަރީ 23 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު