Saturday, October 31
ޒަކިއްޔާގެ މަރުގެ މައްސަލަ މިދަނީ ތަޙުޤީޤުކުރަމުން: އެޗްއާރްސީއެމް

ނ. ހޮޅުދޫގައި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަޙުޤީޤުކުރަން ފަށައިފިއެވެ.

އެޗްއާރްސީއެމުން ބުނީ އަލްމަރްހޫމާ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތް ތިމާގެ މީހުންގެ ފަރާތުން އެކޮމިޝަނަށް މި މައްސަލައިގެ ތަޙުޤީޤު ދާ ގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ، މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ޢަމަލުކުރަމުންދާ ގޮތް ބެލުމަށް މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނީ މި މައްސަލައާ ގުޅުންހުރި މަޢުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި، ލިބިފައިވާ މަޢުލޫމާތުތައް ކޮމިޝަނުން މިހާރު ދިރާސާކުރަމުންދާ ކަމަށެވެ.

ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެވެ. އޭނާ މަރުވެފައި އޮތް ތަނުގައި ވަރަށް ގިނައިން ލޭ ހުރިއިރު، ކައިރީގައި ވަޅިއެއް ވެސް އޮތެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވާ ގޮތުން، އޭނާގެ ކަރު އޮތީ ބުރިކޮށްލައިފައެވެ. އަދި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ކިރިޔާ ކަމަށެވެ.

އެ ރަށުގެ މީހުން ވަނީ ޒަކިއްޔާއަށް އަމިއްލައަށް އޭނާގެ ހަށިގަނޑަށް އެވަރުގެ ބޮޑެތި އަނިޔާތަކެއް ދެވިދާނެތޯ ސުވާލު އުފައްދައިފައެވެ. ޒަކިއްޔާގެ މަރަށް އިންސާފު ނުލިބި ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ދޭތެރެއަކުން ނުކުމެ ދަނީ އިހުތިޖާޖުކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރައިލި ކަމުގެ ހެއްކެއް އަދި ނިޝާނެއް ވެސް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެމެރިކާގެ ތަޙުޤީޤީ އިދާރާ، ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޕޮލިސް - 2025-02-23T08:58:46

    ހުރިހާ ޕޮލިހެއް ވެސް ކަޑަ