އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީން ކާނާ ވިހަވި މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން މިރޭ ބުނީ މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް މިރޭގެ ވަގުތެއްގައި ކާނާ ވިހަވެ ބައެއް ފަރާތްތަކުގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް މިރޭގެ ވަގުތެއްގައި ކާނާ ވިހަވެ ބައެއް ފަރާތްތައް ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުމަކީ މިކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ކޮމިޝަނުން ދަނީ މި މައްސަލަ ގާތުން ބަލައި މޮނިޓަރކުރަމުންނެވެ. މިކަން…
— HRC of the Maldives (@hrcmv) February 22, 2025
މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ އެ ކޮމިޝަނުން ދަނީ މި މައްސަލަ ގާތުން ބަލައި މޮނިޓަރކުރަމުން ކަމަށާއި، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި, ކަން ހިނގާދިޔަގޮތް ތަހުޤީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
"މި ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދެ"، އެ ކޮމިޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު މިރޭ ހޮސްޕިޓަލަށް ގެންދިޔައީ ކާނާ ވިހަވުމުގެ ސަބަބުންނެވެ.
އެގޮތުން، މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބެނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ޑީޕޯޓްކުރުމަށް ނިންމާފައިވާ ފަރާތްތަކެވެ.
މި ލިޔުން ކިޔާލުމުން