ގިނަ ބައެއްގެ އެދުމާ އެއްގޮތަށް "މައުމޫން" ފޮންޓު މަޢުރަޒު މާދަމާވެސް ކުރިއަށްގެންދަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، "މައުމޫން" އިފްތިތާޙްކުރީ ހުކުރު ދުވަހުގެ ރޭ އެވެ.
މި ފޮންޓް ލޯންޗުކޮށްފައި ވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން، މާލޭގެ އާޓް ގެލަރީގައި ރޭ ބޭއްވި ހަފްލާއެއްގައެވެ.
މި ފޮންޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މި ފޮންޓް ނެރެވިގެން މިދަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުކަމަށެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށާއި، ދިވެހި ބަސް ކުރިއަރުވާ ދިރުވަން މިއަދުވެސް މަސައްކަތްކުރަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބަހަކީ ޤައުމުގެ ދޫކަމަށާއި ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ ޤައުމުގެ ބަސްކަމަށާއި، އަދި ޤައުމު ތަރައްޤީވާނީ ބަސް ތަރައްޤީވެގެންކަންވެސް ކުރީގެ ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މަޢުރަޒެއް ވަނީ ބާއްވައިފައެވެ. އެ މަޢުރަޒު ކުރިއަށްދިޔައީ މިއަދު ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.
އަދި ގިނަ ބަޔަކު އެދެމުންދާތީ، މާދަމާވެސް ފޮންޓު މަޢުރަޒު ކުރިއަށްގެންދަން މައުމޫން ފައުންޑޭޝަނުން ވަނީ ނިންމައިފައެވެ. މިގޮތުން މާދަމާ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މަޢުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން