އެއްވެސް މުވައްޒަފަކު ކުންފުނީގެ އެއްވެސް ކަމަކާ ބެހޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއެއްގައި ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފިއެވެ.
ޕޯސްޓުން މިހެން ބުނީ އެ ކުންފުނިން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގަމުންދާތީ އެކަމާ ގުޅޭގޮތުން ވިސްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރު ދޮގުކޮށް މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
"ވިސްލްބްލޯ ކުރި މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ފަތުރާ ޚަބަރަކީ ބުހުތާނު ދޮގު ޚަބަރެއްކަމާއި އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ދަންނަވަން"، އެ ބަޔާނިގައި ވެއެވެ.
ޕޯސްޓުން ބުނީ ދާދިފަހުން އެ ކުންފުނީގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކީ އޭނާގެ މަސައްކަތު ޕާފޯމަންސާއި، މަސައްކަތު އަޚްލާޤާ ގުޅުންހުރި މައްސަލަތަކެއްގައި، އެ މުވައްޒަފު އޮފީހަށް ވަނީއްސުރެ ގާތްގަނޑަކަށް 10 މަހައަށް ދެމިގެން ދިޔަ މަރުހަލާތަކުގައި ނަސޭހަތާއި، އިންޒާރު ދިނުމާއެކު "ޕާފޯމަންސް އިމްޕްރޫވްމަންޓް ޕްލޭން" އެއްގެ ދަށަށް ގެނައުމުންވެސް ފާފޯމަންސާއި އަޚްލާޤާއި ސުލޫކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ ވަކިކުރެވިފައިވާ މުވައްޒަފެއް ކަމަށެވެ.
އަދި އޭނާ ވަޒީފާއިން ވަކިކުރުމާ ހަމައަށް އެޅުނު ހުރިހާ އިޞްލާޙީ ފިޔަވަޅުތަކެއް އެޅިފައިވަނީ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދާއި، ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހަމަތަކުގެ ތެރެއިންކަން އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ޕޯސްޓުން ބުނީ އެ މުވައްޒަފަކީ އޭނާ ރެކްރޫޓްކުރެވުނު މަޤާމަށް ރެކްރޫޓް ކުރުމުގެ ކުރިން، ކޮމްޕެނީ ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައި އެ މަޤާމަށް ނުހޮވުމުން، ނުރހުން ފާޅުކުރުމުގެ އިތުރުން، ރެކްރޫޓް ކުރެވުނު މަޤާމުގެ ޕްރޮބޭޝަން މުއްދަތުގައި ހުރެ، ކުންފުނިން އިޢުލާންކުރި ވަރަށް އިސް މަޤާމުތަކަށް ކުރިމަތިލައި، އެ މަޤާމުތަކަށް އިންޓަރވިއު އަށް ނުކިޔައިގެން އެކި ތަންތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ މުވައްޒަފެއް ކަމަށެވެ.
އަދި އެންމެ ފަހުން މި ހިތްހަމަނުޖެހުންތައް މެނޭޖިންގ ޑިރެކްޓަރާ ހަމައަށް ގެންދިއުމުގެ ބޭނުމުގައި، މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރުމަށް އޮފީހުން ބޭރުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ފޮނުވައި، އެ ބޭފުޅާ މެދުވެރިކޮށް އޭނާ ކުރިމަތިލި މަޤާމުތަކަށް އިންޓަވިއުއަށް ކިޔާފައި ނުވާތީ އާއި، އިންޓަރވިއު ކުރެވުނު މަޤާމަށް ހޮވިފައި ނުވާތީ އިހުތިޖާޖުގެ ބަސްތައް މެނޭޖިންގ ޑިރެކްޓަރަށް އިއްވައި، އޭނާ ބޭނުންވި ގޮތަށް އެކަންކަން ހިނގާފައި ނުވާތީ، އެކަމުގެ ކައްފާރާއެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް މިހާރު ހުރި މަޤާމަށްވުރެ ރަނގަޅު މަޤާމަކަށް ޕްރޮމޯޝަން ދިނުމަށާއި، އޭނާ އިންނަ ތަން ކޮޓަރިއަކަށް ބަދަލުކޮށްދިނުމަށާއި، މި ދެ ކަންތައް ވީހާވެސް އަވަހަށް ކޮށް ނިންމައި ދިނުމަށް އެދި، ބޭރުން ގެނައި ޢިއްޒަތްތެރި ބޭފުޅާ މެދުވެރިކޮށް މެނޭޖިންގ ޑިރެކްޓަރަށް ބިރު ދައްކާފައިވާ މުވައްޒަފެއްކަންވެސް އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިހެން ބުނެފައިވާއިރު، އެ ކުންފުނީގެ ކޮރަޕްޝަންތަކާ ގުޅިގެން ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ނުވަ ލައްކަ ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކުރުމަށް ނިންމައިފައެވެ.
މި ލިޔުން ކިޔާލުމުން