ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލަށް ސްރީލަންކާގައި ދިރިއުޅޭ މީހަކު އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ނަދީޝް ޕެރެރާ ނަމަކަށް ކިޔާ މީހަކު ޚާރިޖީ ވަޒީރަށް އިންޒާރު ދިން މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ގުޅުންހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި ފިރިހެން މީހާއަކީ ކުރިން ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދިޔަ މީހެކެވެ. އެ ދެ މީހުންގެ ކައިވެންޏަށް އަންހެން ދަރިއަކުވެސް ލިބިފައިވާއިރު، މި ފިރިހެން މީހާ ވަނީ އަނބުރާ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓްކޮށްލައިފައެވެ.
އޭނާ މީސްމީޑިއާގައި މިހާރު ކުރަމުންދާ ޕޯސްޓުތަކުގައި ބުނެފައިވަނީ އޭނާގެ ދަރިފުޅާ ބައްދަލު ނުވާތާ ނުވަ މަސް ވެފައިވާ ކަމަށާއި، ދަރިފުޅާ ފޯނުންވެސް ވާހަކަ ދެއްކުމުގެ ފުރުޞަތެއް ކުއްޖާގެ މަންމަ ނުދޭ ކަމަށެވެ. އަދި އޭނާ ވަނީ އޭނާ އާއި އޭނާގެ ދަރިފުޅުގެ އަސާސީ އިންސާނީ ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދަށްވެސް ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ ޚާރިޖީ ވަޒީރު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓި ފުލުހުންނަކީ އޭނާގެ ރަހުމަތްތެރިން ކަމަށާއި، ސްރީލަންކާ އަކީ އޭނާގެ ޤައުމު ކަމަށާއި، ޚާރިޖީ ވަޒީރު ސަލާމަތާއެކު އެނބުރި ރާއްޖެ ވަޑައިގެންނެވޭކަން އެ ޤައުމުން ޔަޤީންކުރާނެ ކަމަށް ބުނެފައެވެ. އަދި އެމީހުންނަކީ ގަވާއިދާ އެއްގޮތަށް އުޅެމުންދާ މީހުން ކަމަށާއި، ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިދާނެކަން ހަނދާން ކުރުމަށް ބުނެވެސް އޭނާ ވަނީ އިންޒާރު ދީފައެވެ.
މީގެ އިތުރުން، ހޮޓަލުގައި އުޅުއްވާއިރުވެސް ރޯމް ބޯއިއެއް ނުވަތަ ވެއިޓަރެއްގެ ސިފައިގައިވެސް މަރު އައިސްދާނެ ކަމަށާއި، އެކަމަށް ސަމާލުވުމަށް އެދޭ ކަމަށް ބުނެވެސް އޭނާ ވަނީ ޚާރިޖީ ވަޒީރަށް އިންޒާރު ދީފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ޑރ. ޚަލީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ އިންޒާރުގެ މެސެޖުތައް އެކްސްގައި ޕޯސްޓްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން