ވޭތުވެދިޔަ އެއް އަހަރުތެރޭ ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން 1677 އަށް ތިން ހާހަށްވުރެ ގިނަ ކޯލަށް ޖަވާބުދެވި ބައެއް ފަރާތްތަކަށް ރިފަރަލް ހަދައިދެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނީ މި ވޭތުވެދިޔަ އެއް އަހަރުތެރޭ 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ޚާއްޞަ ފަރުވާއަށް ރިފަރ ކޮށް، ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ. މި ހެލްޕްލައިންއިން ނަފްސާނީ ފުރަތަމަ އެހީއާއި އެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މަޢުލޫމާތު ދިނުން އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފަރ ކުރަމުންދެއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. ޞިއްޙަތާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ތަނުގައިވެސް މި ހެލްޕް ލައިންގެ ޚިދުމަތް ހަރުދަނާކޮށް، ފަންނީ ޤާބިލުކަން އިތުރުކޮށް، އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙު ކޮށް ޚިދުމަތް ފެށިފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.
މި ލިޔުން ކިޔާލުމުން