ރޯދައަށް ތައްޔާރުވުމަށް އެންމެ މުހިންމު އެއް ކަމަކީ ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުން ކަމުގައި މިއަދުގެ ހުކުތު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ރަމަޟާން މަހަށް ތައްޔާރުވުން" އެވެ.
މިއަދު ޚުޠުބާގައި ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުން ކަމަށާއި، ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭ ގޮތަށް ރޯދަ ހިފާނެ ގޮތް ދަސްކުރުން ކަމަށެވެ. މިއީ ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވުމަށްޓަކައި ކަމަށައި، ރޯދައިގެ ހިސާބެއް ނެތް އަޖުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ކަމަށެވެ.
މީގެ އިތުރުން، ރޯދަ ހިފަން ޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ، މި މަތިވެރި ޘަވާބާއި ދަރުމައެއް ނުލިބޭނެ ކަމަށާއި، ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުން ލިބޭ ބަޔަކަށް އަހަރެމެން ވެއްޖެނަމަ އެއީ ހިތާމަކަން ބޮޑު ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ، ރޯދައަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ޖަނެ ޖަމަޢުކުރުމަކުން ނޫން ކަމަށެވެ. އެ ކަން ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ނަމަވެސް، ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިފަދަ ކަންތައްތަކާ ދުރުހެލިވެ، ރަމަޟާން މަހާ ބައްދަލުކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭނީ، އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ކަމަށާއި، ތިމާއާއި އިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށްވެސް މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާ ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މިގޮތުން ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި ކުރަންވީ ކަންކަމުގެ ތެރޭގައި ހާރު ކެއުން ފަސްކުޅައުމާއި، ފަރުޟު ނަމާދުތަކަށާއި، ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމާއި، ކީރިތި ޤުރުއާން ކިޔަވާއިރު ޤުރުއާނާމެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން ދުޢާކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އަނބިދަރީންނާއި މައިންބަފައިންނާއި ގާތް ތިމާގެ މީހުންނަށް ހެޔޮ ފޯރުވައި އިޙްސާންތެރިވެ އުޅުމާއި، ވަގުތުވުމުން ރޯދަ ވީއްލުން އަވަސްކުރުމާއި، ގިނަގިނައިން ޞަދަޤާތްކުރުން ހިމެނޭ ކަމަށާއި، ތަރާވީޙު ނަމާދާއި ރޭ އަޅުކަންކުރުން ފަދަ ކަންކަމުގެ ޖާގަ ލިބޭނެ ގޮތަށް ކަންކަން ރާވާލައިގެން ރަމަޟާން މަހާ ބައްދަލުކޮށްފިނަމަ، އެންމެ ފުރިހަމަ ގޮތުގައި މި މަތިވެރި ފޯވަހީގެ ބޭނުންކުރެވޭނެ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން