Wednesday, November 18
ރައީސާއި ޢަބްދުއްރަޙީމް ބައްދަލުކުރެއްވުން: މަޝްވަރާކުރެއްވީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ފޮނުއްވަން ހުރި ބިލުތަކާ ބެހޭގޮތުން
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިބްރާހީމް ފަލާޙްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަން ހުރި ބިލުތަކާ ބެހޭގޮތުން ކަމަށެވެ. މީގެ އިތުރުން ހީނާ ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. މިއީ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި ޢަބްދުއްރަޙީމްގެ ދަރިކަލުން، އިބްރާހީމް ފައިޞަލް، ޖަނަވަރީ 28 ވަނަ ދުވަހު އެ މަޤާމުން ވަކިކުރެއްވި ފަހުން ރައީސާއި ޢަބްދުއްރަޙީމް ބައްދަލުކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފައިސަލް މަޤާމުން ވަކިކުރެއްވި ދުވަސްވަރު، ރައީސާއި ޢަބްދުއްރަޙީމާ ދެމެދު ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް އެރިއެވެ. އަދި މަޖިލީހުގެ ރައީސްކަމުން ޢަބްދުއްރަޙީމް ވަކިކުރަން އުޅޭ ކަމުގެ ޚަބަރުތައްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު