Saturday, October 31
ލަންކާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވައިފި

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އޮނަރަބަލް ވިޖިތާ ހެރަތު ރާއްޖެ ވަޑައިގަތުމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދަޢުވަތު ދެއްވައިފިއެވެ.

ވަޒީރު ޑރ. ޚަލީލް މި ދަޢުވަތު ދެއްވީ ލަންކާގެ ޚާރިޖީ ވަޒީރާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިގޮތުން ލަންކާގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތަޢުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި، މަސްވެރިކަމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ވޮކޭޝަނަލް ޓްރޭނިންގެ އިތުރުން ކޮންސިއުލަރ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ސަރަހައްދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެކަން ތަކުރާރު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސްރީލަންކާގެ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ފުޅާވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ދެ ވަޒީރުން ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޑރ. ޚަލީލް ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު، އެމްއެޗް ވިޖިތާ ހެރަތުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލް، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ގެ އަރިހަށްވެސް އިހުތިރާމުގެ ޒިޔާރަތް ކުރައްވާނެ ކަމަށް ޚާރިޖީން ވުޒާރާއިން ބުންޏެވެ.

އަދި ދަތުރުފުޅުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި، އެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކުގެ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު