ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މ. ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ހަމަޖައްސައިފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑީޖޭއޭ އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް އެކުލަވާލެވުނު އިންޓަވިއު ޕެނަލުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެ މަތިން، އެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއު އިން އެންމެ މަތިން މާކުސް ހޯއްދަވާފައިވަނީ އަމްޖަދު ކަމަށެވެ.
އަމްޖަދަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ބޯޑު ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އޭނާއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީޢާ އެންޑް ލޯ އަދި އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޢާއިޝަތު ރިޒްނާގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމުން، 5 ސެޕްޓެންބަރު 2024 ގައި އޭނާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ 30،500ރ. ކަމަށްވާއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި 15،000ރ. އާއި ފޯނު އެލަވަންސްގެ ގޮތުގައި 2،000ރ. އާއެކު ޖުމުލަ 47،500ރ. ލިބޭނެއެވެ.
މި ލިޔުން ކިޔާލުމުން